
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވުނު ޒަކާތާބެހޭ ބިލު (ބިލު ނަންބަރު 30/2025)، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލާއެކު ޒަކާތުގެ ފައިސާ ބެލެހެއްޓުމަށް ޚާއްސަ ފަންޑެއް އުފެދި، ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، 3 ޑިސެންބަރު ވީ ބުދަ ދުވަހުއެވެ. ރައީސް ތަސްދީޤުކުރެއްވުމާއެކު، ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް މި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދުނީކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ފަންޑު ބަލަހައްޓާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޤާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
މި ފަންޑު އުފެއްދުމާއެކު، މިހާރު ޒަކާތުގެ ގޮތުގައި އެކި ފަންޑުތަކުގައިވާ އެންމެހައި ފައިސާއާއެކު، މި ބިލުގައި ބަޔާންކުރާ ޒަކާތު ފަންޑަށް ބަދަލުވާނެއެވެ. މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.