
ނ. މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ މިސްކިތް ހުޅުވައިފިއެވެ.
މިއަދު އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ. މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް ކުރިއަށް ގެންދިޔަ މި މަޝްރޫޢުއެކެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް މަޝްރޫޢުތައް ނިންމުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން މާލޭގައި އިތުރު މިސްކިތަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރަމަޟާން މަހުގެ ކުރިން މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެވަނަ ފިޔަވަހީގައި މިސްކިތްތައް މަދުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މި މަސްތެރޭ އިތުރު މިސްކިތްތަކެއްގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.