
އިއްޒުންދީން ފާލަމާ ދިމާލުން ބޮޑުތަކުރުފާނުމަގުގެ ހަދާ ބައި ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމައި އާއްމުންނަށް ހުޅުވާލައިފިއެވެ.
ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލްއާ ހަމައަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ ބޭރު މަގު ސެގްމަންޓުތަކަށް ބަހާލައިގެން ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގަ އެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ފުރަތަމަ ބައި ނިންމައި ހުޅުވާފައިވާއިރު މި މަޝްރޫއުގެ ދަށުން 4 ލޭންއަށް މަގު ހެދުމާއި، 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. މީގެ އިތުރުން ސަބްބޭސް ތައްޔާރު ކުރުމާއި ތާރު އެޅުމާއި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވިގެންދާނެ އެވެ.
ލޯކަލް މާރުކޭޓް ސަރަހައްދުގެ މަގު ތަރައްގީކުރުން މި މަޝްރޫއުގެ ދަށުން ފުރަތަމަ ތާވަލު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ފަހުން އެ ސަރަހައްދުގެ ބޭރު މަގު ވެސް ތަރައްގީ ކުރަން ހަމަޖެހި ދެން އޮތީ އެ ސެގްމަންޓުގެ މަސައްކަތް ފެށުމެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ނިމިދިޔަ އޭޕްރީލް މަހު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ޖުމްލަ އަގަގީ 144 މިލިއަން ރުފިޔާ އެވެ.