
މިފްކޯއިން އެއް ކިލޯއިން މަތީގެ މަސް އެންމެ ދަށް ވެގެން 16 ރުފިޔާ އަށް ގަންނަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިއުލާނު ކުރައްވައިފި އެވެ.
ރ. ދުވާފަރުގައި މަސްވެރިންގެ ދުވަހާ ގުޅުވައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަޅުބިލަމަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ ސައިޒުގެ މަހަކީ 1.5 ކިލޯއަށް އޮތް އޮތުން ބަދަލުކޮށް އެއް ކިލޯ އަށް ވުރެ މަތީގެ މަސް އެންމެ ދަށްވެގެން 16 ރުފިޔާ އަށް ގަންނަން މިއަދުން ފެށިގެން މިފްކޯއިން ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި ބަދަލާއެކު އެންމެ ދަށްކޮށް މަސް ގަނެވޭ އަގު 16 ރުފިޔާ އަށް ކަނޑައެޅުމާއެކު މިފްކޯއަށް އެ ދުވަހަކު 17 ރުފިޔާ ނުވަތަ 18 ނުވަތަ އެއަށްވުރެ މަތީ އަގެއްގައި ވެސް ގަނެވޭނަމަ އެ އަގެއް ކަނޑައަޅައި އެ އަގަކަށް ގަންނާނެ ކަމަށެވެ.
އެންމެ ކުދި މަސް ކަމަށް މިފްކޯއިން ބަލާ މިންގަނޑު މާ މަތީ ކަމަށް ބުނެ މަސްވެރިން ވަނީ އެ ޝަކުވާ ރައީސް އަށް އިއްޔެގެ ބައްދަލުވުމުގައި ދަންނަވާފަ އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މަހުގެ އަގު 20 ރުފިޔާ އަށް މަތި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ. އެކަމަށްޓަކައި ކުރެވޭ އެންމެ މުހިންމު ކަމަކީ ރާއްޖޭގައި މަސް ސްޓޯ ކުރުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެގޮތުން މިހާރު އޮތް ކެޕޭސިޓީ 25،000 މެޓްރިކް ޓަނަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.