
މުސާރަ ހަމަހަމަކުރުމާއި، އާންމު އިންވެސްޓްމަންޓްތަކާއި، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ އިތުރުވުމާއި، ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މިއަހަރު ޑިސެމްބަރު 4 ވަނަ ދުވަހާ ހަމައަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ އިތުރުވުމެކެވެ. ހަމަ އެ މުއްދަތުގައި، ޖުމްލަ ހަރަދު 12.5 އިންސައްތަ ކުޑަވެ، 2024 ވަނަ އަހަރުގެ 42.8 ބިލިއަން ރުފިޔާއިން 37.4 ބިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ޖުމްލަ ޑެފިސިޓް 2024 ވަނަ އަހަރުގެ 10.4 ބިލިއަން ރުފިޔާއިން 2025 ވަނަ އަހަރު 1.7 ބިލިއަން ރުފިޔާއަށް ކުޑަވެފައިވެއެވެ. މިއީ 84.1 އިންސައްތައިގެ ކުޑަވުމެކެވެ.
ޓެކްސް އާމްދަނީ 9.3 އިންސައްތަ އިތުރުވެ، 26.8 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މީގެ މައިގަނޑު ސަބަބަކީ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެފައިވުމެވެ. ޖުމްލަ ޖީ.އެސް.ޓީގެ އާމްދަނީ 11.9 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 13.2 ބިލިއަން ރުފިޔާއިން 14.8 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މީގެ ތެރެއިން، ޓޫރިޒަމްގެ ދާއިރާއިން ލިބޭ ޓީ.ޖީ.އެސް.ޓީ 13.9 އިންސައްތަ އިތުރުވެ، 8.6 ބިލިއަން ރުފިޔާއިން 9.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޖުމްލަ ޖީ.އެސް.ޓީގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ޓީ.ޖީ.އެސް.ޓީ އެވެ. މިއީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ޓީ.ޖީ،އެސް،ޓީގެ ރޭޓު 16 އިންސައްތައިން 17 އިންސައްތައަށް މަތިކުރުމުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތައް ފުޅާވެފައިވާތީ ލިބިފައިވާ ކުރިއެރުމެކެވެ. ޖެނެރަލް ޖީ.އެސް.ޓީ 8.2 އިންސައްތަ އިތުރުވެ، 4.6 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ޓެކްސް ނޫން އާމްދަނީ 19.7 އިންސައްތަ އިތުރުވެ، މިދިޔަ އަހަރު ހުރި 7.3 ބިލިއަން ރުފިޔާއިން 8.7 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ހަރު މުދަލުގެ އާމްދަނީ އިތުރުވެފައިވުމެވެ. ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ ނުވަތަ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ 27.7 އިންސައްތަ އިތުރުވެ، މިދިޔަ އަހަރުގެ 437.2 މިލިއަން ރުފިޔާއިން 2025 ވަނަ އަހަރު 558.3 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ އިތުރުން، އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިން ލިބިފައިވާ އާމްދަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 64.3 އިންސައްތަ އިތުރުވެ، 1.8 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ފީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ ރައްކާކުރަނީ ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައެވެ.
މިއަހަރު ނޮވެމްބަރު 1 ގައި ތަންފީޒުކުރަން ފެށި ސަރުކާރުގެ ޕޭ ހާމަނައިޒްކުރުމުގެ ސިޔާސަތުގެ އަސަރު ރިކަރަންޓް ހަރަދުގެ ބައިން ފެންނަން ފަށާފައިވެ އެވެ. ޖުމްލަ މުސާރައާއި، އުޖޫރައާއި، ޕެންޝަން 7.1 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 12.5 ބިލިއަން ރުފިޔާއިން 13.4 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މުވައްޒަފުންނާ ގުޅުންހުރި ހަރަދުތައް އިތުރުވެފައިވީ ނަމަވެސް، ބަޖެޓްގެ ޖުމްލަ ހަރަދު މިދިޔަ އަހަރަށްވުރެ ދަށްކޮށް ހުރިކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ މިހާތަނަށް ލޯނު އަނބުރާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެފައިވެ އެވެ. އެގޮތުން، 118.9 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ 2.3 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މީގެ ތެރޭގައި، ފާއިތުވި ހަފްތާއާ އަޅާބަލާއިރު، ރާއްޖޭގެ މާލީ ބާޒާރުގައި އިޝޫކޮށްފައި ހުރި ދަރަނި އަނބުރާ ދެއްކުމަށް 422.1 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ހަރަދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން އެ ރިޕޯޓުން ފާހަގަކުރެވެ އެވެ. ޖުމްލަ ޕީ.އެސް.އައި.ޕީ ހަރަދުތައް 7.2 ބިލިއަން ރުފިޔާގައި ހުރިއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި އެ ހަރަދު ހުރީ 10.2 ބިލިއަން ރުފިޔާ އެވެ. ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް ކުރެވުނު އިންވެސްޓްމަންޓް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފަ އެވެ. އެގޮތުން، ސިއްޙީ ދާއިރާގައި ޕީ.އެސް.އައި.ޕީ ހަރަދުތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 2.9 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ 111.5 މިލިއަން ރުފިޔާއިން 2025 ވަނަ އަހަރު 432.3 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއާއެކު، ދަތުރުފަތުރުގެ ދާއިރާގައި ޕީ.އެސް.އައި.ޕީ އިންވެސްޓްމަންޓްތައް ހުރީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދާދި އެއް މިންވަރެއްގައެވެ.
މި ހަރަދުތަކުގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖަމާކުރެވުނު ފައިސާ ވެސް ވަނީ އިތުރުވެފައެވެ. އެސް.ޑީ.އެފް އަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ހުރި 1.3 ބިލިއަން ރުފިޔާއަށް ވުރެ 87.9 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ކުރިއަށްދާ އިންވެސްޓްމަންޓްތަކާއި އިސްލާހީ މަސައްކަތްތަކުގެ އިތުރުން، ދައުލަތުގެ މާލީ ރިޒާވްތައް ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.